މާޅޮސްމަޑުލު ދެކުނުބުރިއަށް ތަރައްޤީ ގެނައުމުގައި އެ އަތޮޅު ކަމަދޫ މީގެ ކުރިން އޮތީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ކަމަށާ، ނަމަވެސް މާތް ﷲގެ އިރާދަފުޅާއެކު، އެ ތަފާތުކުރުން ނައްތާލައި، ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމުގެ ސިޔާސަތެއް ތަންފީޒުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބ. ކަމަދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ، މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކަމަދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ކަމަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ބާކީކުރެވި، ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައިގެން ކަމުގެ ޔަޤީންކަންދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަމަލީ ގޮތުންވެސް އެކަން ދައްކަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ބ. ކަމަދޫގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަވައިދެއްވާނެ މުހިންމު މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާއިން، ރަށުގެ ފުޓުބޯޅަދަނޑުގައި ކުރަންހުރި މަސައްކަތްތައްވެސް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ބ. ކަމަދޫއަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އަދި ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ހިންގުމުގައި ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ކަންކަން ކުރިއަށް ގެންދެވުމަށް އެމަނިކުފާނު ތާޢީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވައި، ގިރާ ސަރަޙައްދުގެ މައްސަލައާއި އެ ފަދަ ކަންބޮޑުވުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ބ. ކަމަދޫގެ ތަރައްޤީއަށް މުހިންމު 2 އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. ފުރަތަމަ ސޮއިކުރެވުނީ ކަމަދޫ ސްކޫލުގައި ގާއިމުކުރާ އައު އިމާރާތުގެ އެއްބަސްވުމުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓަޑްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ޙަމްދާން ޝަކީލްއެވެ. މި ރަސްމިއްޔާތުގައި ސޮއިކުރި 2 ވަނަ އެއްބަސްވުމަކީ، މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ބ. ކަމަދޫއަށް ސީޕްލޭން އޮޕަރޭޓްކުރުމަށް ވެވުނު އެއްބަސްވުމެކެވެ.