ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނު
ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މިއަދު 11:26ގައި އެ ރިސޯޓުގައި ބުނީ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަމުގައެވެ.
”މި ވަގުތު ކުޑަރަށް ރިސޯޓުގެ ފަޔަރ ޓީމެއް ދަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުން.“ އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށާއި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް އިން މިއަދު 12:53ގައި ބުނީ ކުޑަރަށް ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ.
ރިސޯޓުގައި، އަލިފާން ރޯވި ސަރަހައްދުގައި ވިލަމެންދޫ ރިސޯޓާއި ސަންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެެވެ.
އަދި އެމްއެންޑީއެފް މާމިގިލީ ފަޔަރ ސްޓޭޝަންގެ ޓީމެއް ވެސް ވަނީ އެ ރިސޯޓަށް ގޮސްފައެވެ.

