ރާއްޖޭގެ ބައެއް ލޯކަލް ކައުންސިލްތަކުން ބޭކާރު ގޮތުގައި ހަރަދު ކުރާތީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ބ. ކެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން ދައުލަތުން މާލީ އެހީގެ ގޮތުގައި ދޭ ފައިސާ އާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކުރާ ގޮތް ފެންނަމުންދާ ކަމަށާއި އެގޮތުން ތަޖުރިބާގެ ދަތުރުގެ ނަމުގައި މުޅި ކައުންސިލް އޮތް ގޮތަށް ރަށަށް ނުވަތަ އަތޮޅަށް ވެސް ފައިދާ ނުވާނެ ގައުމުތަކަށް ދަތުރުތައް ކުރަމުންދާ ކަމަށެވެ.
އެއީ ޒިންމާދާރު ގޮތެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކަށް މާލީ އެހީ ދެނީ ރަށުގައި ކުރަން ހުންނަ މުނިސިޕަލް ހިދުމަތްތައް ދިނުމަށާއި އަދި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށާއި އެކި ކަންކަމަށް އާމްދަނީ ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ވާނީ އިހުލާސްތެރިކަމާއި ޒިންމާދާރުކަމާއެކު ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ބާރުތަކާއި ޒިންމާތައް ބަޔާންކޮށްފައި އެބަހުރި ކަމަށާއި ފައިސާ ހަރަދުކުރަންޖެހެނީ އެ ކަންކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ ކަންކަން ނުކުރާ އެތައް ކައުންސިލެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
”ބޭކާރު ގޮތުގައި އެކަންކަން ކުރަމުންދަނީ. މި ކަންކަން ހަމަމަގަށް އެޅުވުމަކީ، ނުގަވައިދުން ފައިސާ ބޭނުން ކުރަން އޮންނަ މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރި ކުރުމަކީ ހަގީގަތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ،“ ރައީސް ވިދާޅުވިއެވެ.

