ދިވެހިރާއްޖޭގެ ޒަކާތާގުޅޭ ކަންކަން ކަނޑައަޅައި، ތަންފީޒުކޮށް، ހަރުދަނާކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނެއް ހެދުމަށް ބިލެއް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިއަދު ބޭއްވި މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.

ފުރަތަމަ ކިއުން އިއްވުމަށްފަހު މި ބިލު ދިރާސާކުރަން ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އަލަށް އެކުލަވާލާ ޒަކާތުގެ ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އުކުލަވާލާފައިވާ ބިލެކެވެ.

އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް ގާނޫނުގެ މަގުސަދެކެވެ.

މި ގާނޫނުގެ ދަށުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ޒަކާތާ ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެއްގެ މަސްއޫލިއްޔަތުތައްވެސް ކަނޑައަޅާފައިވެއެވެ.

ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާގުޅޭ ސިޔާސަތުތައް ޢާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ޢާންމު އިރުޝާދާއި ލަފާ ދިނުން ހިމެނެއެވެ.

ޒަކާތުގެ ބިލުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކުރެއެވެ.

މި ކައުންސިލްގައި ވަޒީރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި ރައީސް އައްޔަންކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.

ހަމައެއާއެކު އައު ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު ”މޯލްޑިވްސް ޒަކާތު ހައުސް“ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދެނޭއެވެ.

މި އިދާރާ ހިނގަމުންދާނީ ވުޒާރާގެ ދަށުންނެވެ.

ޒަކާތުގެ ބިލުގައި ޒަކާތު ހައުސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވެއެވެ.

އެގޮތުން ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުލޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކަލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ.

އަދި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ.