ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ގޮއިދޫ ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމޫހޫރިއްޔާ ވަނީ، ރަށާ ގުޅުންހުރި ރިޔާސީ ވަޢުދުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކުރައްވައި، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޖީނުގޭގެ މައްސަލަތައް ޙައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫއުއެއްވެސް، މި އަހަރު ފައްޓަވާނޭކަމުގެ ޔަގީންކަން މިއަދު އެމަނިކުފާނު ދެއްވިއެވެ.
ސްކޫލްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިންމަވައިދެއްވާނޭކަމަށާއި، ދެވަނަ ފިޔަވައްސެއްގެ ގޮތުން މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ކުރިއަށްގެންގޮސްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް ބަލާއިރު، ގިނަ ވަޞީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި، ގޮއިދޫގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ އަމަލީ މަސައްކަތް ފައްޓަވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް މި އަހަރު ތެރޭ ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އިޝާރާތްކުރައްވަމުން، މި އަހަރު ތެރޭ އިކޯ ޓޫރިޒަމްގެ މަސައްކަތް ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްގީ ކުރުމުގެ ބިޑް އެވޯޑުކުރައްވާފައިވާކަމަށާއި، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ގޮއިދޫއިން ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ހިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.
އަދި އެ ރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް މިއަދު ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.

