މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލައިގެ ކަންބޮޑުވުމުގެ އިތުރުން، ދޮންފަނު ފުޓްބޯޅަ ދަނޑުގެ ބައެއް މަސައްކަތްތަކާއި، ރަށުގައި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ކޮންސެޕްޓަށް ކައުންސިލުން ހުށަހަޅުއްވާ ބައެއްކަންކަން ހިމެނެއެވެ.
މީގެ އިތުރުން، ރަށު ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު ކައުންސިލް އިމާރާތެއް ލިބުމަށް އެދިވަޑައިގަންނަވާކަމުގައި ކައުންސިލް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރަށު ސްކޫލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމަވައި، މި މަޝްރޫއުގެ މަސައްކަތްތައް ފެށިގެން ދިއުމަކީ ސްކޫލަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރަށުގެ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހުން މަދުކަމުން، އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

