މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ، ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ވަކިވަކިން މިސާލު ނަންގަވައި ކަމުގެ އަސްލު، ބަޔާންކޮށްދެއްވާފައެވެ.
ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާ، ސަރުކާރުން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިޞްލާޙުތަކުގައިވެސް ވަނީ މިކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ރައްޔިތުން ބާރުވެރިކުރުވުމުގެ ފައިދާ އޮތީ ކައުންސިލަށްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާ، ކަން އެގޮތުގައި ހިނގަމުންދާނަމަ، ވަޢުދުފުޅުތައް ފުއްދެވުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ކޮންމެ ވަގުތުކޮޅަކީވެސް މުހިންމު ވަގުތުކޮޅެއްކަމަށާ، ޚިޔާލުތަފާތުވުންތަކުން ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުޞަތު، ނުދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށްފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަންސް، ނިޒާމެއްގެ ގޮތުގައި މި ނިޒާމް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

