ބ. ދަރަވަންދޫގެ ތަރައްގީއަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންގަވައި، ނިންމަވައިދެއްވާނެ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވައިފިއެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށުގައި މުހިންމު މަޝްރޫއުތަކެއް ހިންގާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

ބ. އަތޮޅު މަދަރުސާގެ 8 ކުލާސްރޫމާއި، އޮފީހާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ރޭގެ ޖަލްސާގައި ސޮއިކުރެވިގެންދިޔައިރު، މިމަޝްރޫއު ނިމި، އޭގެ ފައިދާ ވާން ފެށުމުން، މިމަޝްރޫޢު ވެގެންދާނީ ރަށުގެ ތައުލީމީ ޙަޔާތް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމަ މިމޭރުމުން، ރަށުގެ ޞިއްޙީ ދާއިރާއަށްވެސް ތަރައްޤީގެ މުހިންމު ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ވަނީ ބ. ދަރަވަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރަށުގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށްވެސް ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އުއްމީދީ ޚަބަރުތަކެއް ދެއްވާފައެވެ.

އަދި ރަށުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިނެނޭ، މަގު ހެދުމާއި ބަނދަރު ތަރައްޤީކުރުމުގެ ކަންކަންވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ ދެއްވާފައެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް އިތުރު ފައިދާ ލިބޭނެ ފަސޭހަތައް ހޯއްދަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ބ. ދަރަވަންދޫގައި އޮތް އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނަމަވެސް އެއަރޕޯޓްގެ ތަރައްޤީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނެތްކަމުގައި ވިދާޅުވެ ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، ޤާނޫނާއި ޤަވައިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސަރވިސަސްއާ ހަވާލުކުރައްވައިގެން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގެ އުންމީދު އެބައޮތްކަމުގައި ވިދާޅުވެފައެވެ.