ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، އެ އޮފީހުން ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އޭދަފުށީ އިމިގްރޭޝަން އޮފީހުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި، އެންމެ ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އެ ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ އޮފީހުން މިހާރު ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތުގެ އިތުރުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ހިދުމަތް ވެސް ލިބެން ހުންނާނެއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖޭގައި ފެށުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.