އިންޑިއާއަކީ އަބަދުވެސް އިތުބާރު ހިފޭ ތަރައްގީގެ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީީސް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ އެ ގައުމުގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޯޕަޅީ މުރްމުރް އަށް ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވެސް އަރިސްކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިނިވަން ދުވަހާއެކު މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރު ހިފޭ ވަރަށް ގާތް ގައުމެއް ކަމަށެވެ.
އަދި ދެ ގައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު ވެސް ވަަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަކުރެއްވި އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް މި އަހަރު 60 އަހަރުވެފައިވާ އިރު، މިދިޔަ މަހުގެ 26 ގައި ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ މެހުމާނެއްގެ ގޮތުގައި މޯދީ ރާއްޖެ ވަޑައިގެންނެވިއެވެ.

