ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމުކޮށް ދުވާރު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެ މަސައްކަތަކީ 4000 ފްލެޓުތަކުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
އެޗްޑީސީން މިއަދު ބުނީ ފޭސް ދޭއްގެ ގެދޮރުވެރިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގެ ނިރޮޅުމަގުގައި ބަސް ސްޓޮޕް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް އެއްކޮށް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން އިތުރު ބަސް ސްޓޮޕްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.


