ފެނާއި ނަރުދަމާގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، 11 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު ނަންބަރު 2020/8، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާޙް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމެވެ.
މި ބިލުގައި ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި، ކައުންސިލްތަކުގެ ގާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވެއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަހުލީލުކުރުމުގެ ހިދުމަތް ދިނުމާގުޅޭ ޝަރުޠުތައް ކަނޑައެޅުންވެސް ހިމެނެއެވެ.
ހަމަމިއާއިއެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކުރާ ފަރާތެއްގެ އަދަބުވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިއު ކުރަންވާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

