ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް މަރުވި މީހާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމައިފިއެވެ.

އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުއްޓައި މަރުވީ ގ. ޒާމިއާ / މާލެ، އަހްމަދު އަފްރާހް (48އ)އެވެ.

ފުލުހުން ބުނެފައިވާ ގޮތުން އާދިއްތަ ދުވަހުގެރޭ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު އަފްރާހުގެ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަފްރާހް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަފްރާހް ހައްޔަރު ކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް  ވިދާޅުވީ އޮޓޮޕްސީ ހަދަން އަފްރާހުގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ މަރުވި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.