ރަށްގިރުމުގެ މައްސަލަ އަކީ އއ ހިމަންދޫއަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، ވަރަށް އަވަހަށް އެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު ވަނީ އއ އަތޮޅަށް ތިން ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ، އެ އަތޮޅު ހިމަންދޫއެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ހިމަންދޫގެ ރަށްގިރުމުގެ މައްސަލަ ”ސީރިއަސް“ ކަމަށެވެ. އެ ރަށު ކައުންސިލުން ވެސް ރައީސްއާ މިކަންބޮޑުވުން ހިއްސާ ކުރައްވައިފައިވެއެވެ.
ރައީސް ވިދާޅުވީ މިކަން ހައްލު ކުރުމުގެ މަސައްކަތް ފެށޭވަރަށް ބޮޑު ހިލައިގެ ޝިޕްމަންޓެއް ގެނެވިފައިވާ ކަމަށެވެ.
”މުޅި މަޝްރޫއު ނިންމައިލަން، މިހާރު މި ފެށޭ ހިސާބުން ދެން ދާނީ ނުހުއްޓި، ނިންމާލެވެންދެކަށް ގެންދެވޭނެ.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރުގެ ދަތިކަމަށް ހައްލު ގެންނަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށު ނެރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ދެ ދުވަހެއްގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވިގެންދާނެ ކަމަށެވެ.
ރައީީސްގެ ވާހަކަފުޅުގައި ކުޅިވަރު ކުރިއެރުވުމަށް އެމަނިކުފާނުގެ ސަރުކާރުން އިސްކަން ދެއްވާކަން ފާހަގަކުރައްވައި، ހިމަންދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ލައިޓު ހަރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވިއެވެ.

