ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒުގެ މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްއެވެ.
މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވިއެވެ.
އަދި ބަހުސް ކުރަން ފެންނަ ކަމަށް 08 މެމްބަރުން ވޯޓު ދެއްވިއެވެ.
މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ”ޝޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓު ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ،“ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.

