ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި އިތުރު 38 ރަށެއްގެ ޖިމްގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނީ، މި މަސައްކަތުގެ ދަށުން ބައެއް ރަށްތަކަށް އެ ކުންފުނިން އައުޓްޑޯ ޖިމް ސަޕްލައި ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކުގައި މަރާމާތުކުރަން ޖެހިފައިވާ އައުޓްޑޯ ޖިމްތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އައުޓްޑޯ ޖިމް ގާއިމު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެޗްޑީސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ މި ވައުދު ފުއްދުމަށް އެއްބާރުލުންދިނުމާއެކު، ކުރިއަށް އޮތްތަނުގައި ވެސް، މުޖްތަމައުއަށް ފައިދާހުރި، މިފަދަ ކަންކަމުގައި ބައިވެރިވުން ކަމަށެވެ.