އިންޑިއާގެ މަހާރަޝްތުރަ ސްޓޭޓްގެ ވެރިރަށް، މުމްބާއީއަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން އާއްމު ދަތުރުފަތުރަށް ބުރޫ އަރައި، ގެއްލުންތަކެއް ލިބިއްޖެއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން ޓްރެއިން އަދި ފްލައިޓު ދަތުރުތައް ވެސް ކެންސަލް ކުރަން ޖެހިފައިވެއެވެ.

 

 

ބޯވާރޭގެ ސަބަބުން، މުމްބާއީގެ ކުރްލާ ކުރަންޓިނަގަރް ސަރަހައްދުގެ މިތީ ރިވީ ބަންޑުން ވެދާނެކަމުގެ ބިރަށް އެ ސަރަހައްދުގައި އުޅޭ 300އެއްހައި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މަހާރަޝްތުރަގެ ޗީފް މިނިސްޓަރުގެ އޮފީހުން ބުނީ، މިއަދު ފަތިހު 4:00 އިން ހެނދުނު 11:00އާ ހަމައަށް އެ ސަރަހައްދަށް 150 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހުނު ކަމަށެވެ.

އަދި މިތީ ކޯރުގެ ފެންގަނޑު 3.9 މީޓަރަށް އުފުލިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. އެހެންވެ، އެ ހިސާބުގައި އުޅޭ 350 އެއްހައި މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މަހާރަޝްތުރަގެ ބައެއް ހިސާބުތަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހުނުއިރު، ފެންބޮޑުވެގެން ހިނގައިދިޔަ ހާދިސާތަކުގައި ބައެއް މީހުން ވަނީ މަރުވެސް ވެފައެވެ.

އެގޮތުން 6 މީހުން މަރުވެފައިވާ ކަމަށް އިންޑިއާ ޓީވީން ރިޕޯޓު ކުރެއެވެ.

ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މަހާރަޝްތުރަގެ ސިފައިން ގެންދަނީ ”ފްލަޑް ރިލީފް އެންޑް ރެސްކިޔު“ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

މޫސުން ލަފާ ކުރާ އިދާރާތަކުން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކުރިއަށްވުރެ ބޯކޮށް ވެސް ވާރޭ ވެހިދާނެ ކަމަށް ބެލެވެއެވެ.