ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތީވެރީގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.
މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ.
”ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފެންނަ ކަމަށްވަންޏާ، ދެ އިންތިހާބު އެކުގައި ދެން އޮންނާނީ. އެގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އަޅުގަނޑުމެން ހުށަހަޅާނަން،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ އަންނަ ދައުރުގައި އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

