އ.އ މަތިވެރީގައި ތަރައްގީ ކުރާ އެއާޕޯޓު ވެގެންދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އ.އ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ބައްދަލުވުމުގައި މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރެވޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އާއެވެ.
މި މަޝްރޫއަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަށާއި ގުޅިގެން ރަށުގެ އެކި ކަންކަމަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިންހިއްކުމާއި އެކު އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖަހިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށެވެ.
ބިންހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ ހުރިހާ މަސައްކަތާއި އެކު މުޅި ޕްރޮޖެކްޓް ދެއަހަރާއި ބައި ތެރޭގައި ނިންމާ އެއާޕޯޓް ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ދެއްވިއެވެ.
ރަށުގެ ސްކޫލާއި ސިއްހީ މަރުކަޒުގެ މަސައްކަތާއި ގުޅިގެން ރައީސް ވިދާޅުވީ، ސްކޫލްގެ މަޝްރޫއު ދިރާސީ އައު އަހަރަށް ނިންމާ ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސިއްހީ މަރުކަޒުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް މަސައްކަތް ހަވާކުރި ފަރާތުން އެއްކޮށް މަސައްކަތް ނިންމުމުގައި ލަސްވަމުންދާތީ އެ މަސައްކަތް އެހެން ބަޔަކާއި ހަވާލުކޮށްގެން މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށްގެން މިހާރު ހިދުމަތްދެވޭ ފެންވަރަށްވުރެ އިތުރަށް އަޕްގްރޭޑްކޮށްގެން، އިތުރު ހިދުމަތް ދެވޭގޮތަށް ތަރައްގީ ކުރުމަށް ނިންމަވާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ މައި މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށާއި، ހޭންޑް ބޯލް ކޯޓެއް މިއަހަރު މަތިވެރީގައި ހެދުމަށް ތާވަލުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި މަތިވެރީ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން މަތިވެރި ކައުންސިލާ ވަނީ ހަވާކޮށްދެއްވާފައެވެ.

