އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި ފަންސާސް ހައުސިން ޔުނިޓްގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، އ.އ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށެވެ.

ރަށުގެ ގެދޮރުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫޢު ނިމުމުން ގެދޮރުގެ މަސައްލަ ހައްލުވެގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އެ މަޝްރޫއަށް އިޝާރާތްކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން މަޝްރޫއުގެ އަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ބޮޑުފޮޅުދޫގައި ގާއިމުކުރާ ހޭންޑްބޯލް ދަނޑުގެ އަމަލީ މަސައްކަތް ފެށޭކަން ފާހަގަކުރައްވައި، ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބޭނުންކުރެވޭނެ ގޮތަކަށް މަސައްކަތް ނިންމުމަށް މަގުފަހިކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރަށުގައި މިހާރު ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާއި ހަވާލުކުރުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އެއާއިގުޅިގެން ކުރަންޖެހޭ ކަންކަން އަންނަ އަހަރު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ބޮޑުފޮޅުދޫގެ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވައި، އެކަމުގެ ނަފާ، ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.