ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އުކުޅަސް ކައުސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހިމެނެއެވެ.
ހަމަ މިއާއިއެކު ސްކޫލުގައި ލައިބްރަރީ އަކާއި ސައިންސް ލެބެއް ނެތުމުން ކިޔަވާ ކުދިންނަށް ދިމާވާ ދަތިތައްވަނީ ހިއްސާކުރައްވާފައެވެ.
ރަށުގެ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިހާރު ހަދަމުންގެންދާ ބައި އަވަހަށް ނިންމައިދިނުމަށާއި، ތަނަށް ބޭނުންވާ މުވައްޒަފުންގެ ދަތިކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

