މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ އއ. އަތޮޅު ހޮސްޕިޓަލު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރަސްދޫގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒެވެ.

ރަސްމިއްޔާތުގައި އއ. އަތޮޅު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ރަސްދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއުގެ ދަށުން އެކޮމޮޑޭޝަން ބްލޮކަކާއި ސާވިސް ބްލޮކެއް ހިމެނޭހެން، 50 އެނދު އެކުލެވޭ އިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.