އއ. އުކުޅަހު ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިއަދުއެވެ.
އެމަނިކުފާނު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށެވެ.
240 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރި މި މަޝްރޫއުގެ ދަށުން 5،200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތުގެ އިތުރުން ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

