ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާއިރު، ކޮންމެ ގޯއްޗަކަށް ގޯއްޗެއްދެއްވައި، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެއެއް އަޅުއްވައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު އެންމެ އާބާދީ މަދު ރަށްކަމަށްވާ، ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދޫއަށް ހިރިމަރަދޫން ހިޖުރަކުރާ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގެވުމާއި، މުނިސިޕަލް ހިދުމަތްތައް ގާއިމްކުރެއްވުމުގެ ފްރޭމްވަރކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވަނީ ސޮއިކުރައްވާފައެވެ.

ހިރިމަރަދޫ ރައްޔިތުން ގެ މުސްތަގްބަލަށްޓަކައި ކުރިއަށް ގެންދަވާ ގެދޮރުވެރިކަމުގެ މަޝްރޫއުއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫގައި ކޮންމެ ގޯއްޗަކަށް ގެއެއް އަޅުއްވައިދެއްވާއިރު، އެރަށަށް ބަދަލުވާމީހުންގެ ގޯތި ތަކުގެތެރޭގައި މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައިދެއްވާ ގޯތިތަކުގައިވެސް ގެ އަޅުއްވައިދެއްވާނެ ކަމަށާއި، އަދި ގޯތީގެ ބަދަލުގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދެއްވާނެ ކަމަށެވެ.

ބަދަލުގައި ދެއްވާނެ ފައިސާގެ އެހީގެ އަދަދު އަދި ކަނޑައަޅުއްވާފައި ނެތް ނަމަވެސް، މިހާރު ސަރުކާރުން ބަދަލުގެ ގޮތުގައި ދެމުންދާ ފައިސާގެ އަދަދު މުތާލިއާ ކުރެއްވުމަށް ފަހު، ދެއްވާ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މި ސަރުކާރުން އާބާދީއާއި ތަރައްގީ އެއްފަސްކުރަނީ ރައްޔިތުން ބޭނުންވެގެން، އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ދެ ތިން ރަށަކުން މީހުން ބަދަލުވުމަށް އެދިފައިވާ ކަމަށެވެ. މީހުން ބަދަލުކުރާއިރު އެ އެބައެއްގެ އުފަންރަށުގައި ސަރުކާރުން ކޮންމެ ކަމެއްކުރިނަމަވެސް، އެކުރާ ބޭނުމަކުން އެރަށުގެ ރައްޔިތުންނަށް މާލީ ނަފާކުރާނެ ގޮތަކަށް ސަރުކާރުގެ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުންނަށްވެސް އެގޮތަށް އިގްތިސާދީ ފައިދާ ކުރާގޮތަށް ކަންކަން ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެތީ، އެ ދޮޅުއަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.