ސަރުކާރުގެ އަމާޒަކީ، ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ލަސްވެގެން ނޮވެމްބަރު މަހު، އެ އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، އެ އެއާޕޯޓު، ބައިނަލްއަގުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެއްވޭނޭކަމަށެވެ.

އެގޮތުން، އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއަރޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނޭ ބީދައިން، އެއަރޕޯޓުން ބޭރުގައިވެސް ޑޮލަރު އޭ.ޓީ.އެމެއް ބަހައްޓައިދެއްވާނެކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސަވައިދެއްވުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ހިދުމަތްވެސް ގާއިމުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.