ހދ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެ އަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމްޓީޑީސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެއީ ވަރަށް ދުވަސްވެފައިވާ އަދި އަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ނަތީޖާފެންނާގެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ.

އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްގީ ކުރުމަށް ހުޅުވާލާފައިވަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްގީ އަށްޓަކައި ކޮއްދެއްވާނެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ބަނދަރު ތަރައްޤީކުރުމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

ހެލްތު ސެންޓަރު ތަރައްގީ ކުރައްވާއިރު، ލެބޯޓްރީގެ ޚިދުމަތާއިއެކު އެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އޭގެ ކުރިންވެސް އެރަށަށް އެމްބިއުލާންސެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގުހެދުމާއި، ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހެދުމާއި، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ހޯއްދަވައިދެއްވާނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްއޔާތުގައި ނައިވާދޫ ބިން ހިއްކުމާއި ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝަރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއެވެ.