ހދ. ނެއްލައިދޫގައި އިމާރާތްކުރާ އާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނެއްލައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ނެއްލައިދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރުންގެ އިތުރުން ސަރުކާރު ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނެއްލައިދޫ ރައްޔިތުނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މިސްކިތް އިމާރަތްކުރާނީ ސޯލާ ހަކަތައިން ބޭނުން ކުރެވޭ ގޮތަށް ލައިބްރަރީއަކާއި ކްލާސް ރޫމަކާއެކުގައި ކަމަށެވެ.
އަދި އެ މުޅި މިސްކިތް ހުންނާނީ އޭސީކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

