ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެއްލައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 11.19 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ނެއްލައިދޫގައި ގާއިމުކުރަނީ 3 ފަންގިފިލާގެ އިމާރާތެކެވެ.
މިއިމާރާތުގައި 10 އެނދުގެ ވޯޑަކާއި، ނާސް ސްޓޭޝަނަކާއި، ލެބޯޓްރީއާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، މަލްޓިޕާޕޮސް ހޯލަކާއި، އޮފީސްބައިގެ އިތުރުން ގަރާޖް އަދި ލޯންޑްރީ ބައެއް ހިމެނެއެވެ.

