”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މި ބިލު ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ބިލު މަޖިލީހަށް ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ.
ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވިއެވެ.
މި ބިލު ދިރާސާ ކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށެވެ.
މަޖިލީހަށް މިބިލު ހުށަހެޅުއްވީ މީގެކުރިންވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި، މި ބިލުން ރައީސަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

