އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ޓީމެއް އެރަަށަށް ގޮހެވެ. އަނެކަކު ހައްޔަރުކުރީ މާލެއިންނެވެ.
އާޝިދުގެ އިތުރުން އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް (27އ)އެވެ.
ވިޝާމް އާއި ފާރިޝް ވަނީ ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް އާޝިދު ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އާޝިދުގެ ބަންދަށް ދިން ފަސް ދުވަސް އިއްޔެ ހަމަވާތީ، ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

