ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ގާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި ”އެސް.ސީ.އޯ ޕްލަސް“ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އ.ދ.ގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށާއި، 1965ގައި ދިވެހިރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތުކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

އަދި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ދެމިތިބެ، ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ، އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވައި، އެފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާއި ހިލާފުކަމެއްކަން ތަކުރާރުކުރައްވައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވައި އަޑުއުފުއްލަވަމުންނެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދައުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.