ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ބިލު އޮންނާނީ، ނޫސްވެރިންގެ ”ފޭވަރގައި“ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު( އަސްވާޑު) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ފާސްކޮށްފައިވާ މީޑިއާ ބިލާ ގުޅޭގޮތުން، މީރުމާގައި ބޭއްވި ”ނޫސްވެރިންގެ ފޯރަމް“ގައި އަސްވާޑު ވިދާޅުވީ، އެ ބިލު ކޮމިޓީން ފާސް ކުރީ، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށާއި، މިހާރު އެ ބިލުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ބިލާ ގުޅޭގޮތުން ކަންބޮޑުވުމެއް އޮތްނަމަ، މިހާރު ވެސް ހިއްސާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މީޑިއާ ބިލު ގާނޫނަކަށް ވިޔަސް، ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރުމާއި، ކޮންޓެންޓް އުފައްދާ މީހުންގެ އުފެއްދުންތައް އެއްވެސް ވަރަކަށް ކޮންޓްރޯލް ނުކުރާނެ ކަމަށެވެ.

”ބިލުގައި މީޑިއާގެ ގޮތުގައި މާނަ ކުރަނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތައް، ނޫސް މަޖައްލާތައް ކަމަށް ބުނެފައި އެވަނީ ރަޖިސްޓްރީ ކޮށްގެން، ގާނޫނުގެ ދަށުން ހިންގާ ނޫސް މަޖައްލާއާއި، އޮންލައިން ނޫސްތަކާ، ހަފްތާ މަޖައްލާއާއި، މި މަންސަތަކުން ހިމެނޭ ތަކެއްޗޭ.“ ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

 

އަދި ބިލުން ރެގިއުލޭޓްކުރާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކަމަށާއި އެއީ އެހެން އެއްވެސް ބަޔަކު ރެގިއުލޭޓްކުރާ ބިލެއް ނޫންކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

އަސްވާޑު ވިދާޅުވީ، ބިލު ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރުގައި، ގިނަ ކަންބޮޑުވުންތަކެއް ފާހަގަކުރެވުނު ނަމަވެސް، ފަހުން އެކަންތައް ރަނގަޅަށް ބަލައި، ބިލަށް މުހިންމު އިސްލާހުތަކެއް ގެނެވުނު ކަމަށެވެ.