ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލު ބޭރުކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވައިލައްވައިފިއެވެ.

މީޑިއާ ރެގިއުލޭޓު ކުރާ ބިލާ ދެކޮޅަށް ބައެއް ނޫސްވެރިންނާއި، އިދިކޮޅު އެމްޑީޕީން ދަނީ ރައްޔިތުން މަޖިލިސް ކައިރީގައި އަޑު އުފުލަމުންނެވެ.

ނަމަވެސް ސަރުކާރުން ބުނަމުން ދަނީ، ކޮމެޓީ މަރުހަލާގައި ގެނެސްފައިވާ އިސްލާހުތަކާއެކު، ބިލުގައި މިހާރު ނޫސްވެރިން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މިކަމާ ގުޅުވައިގެން ރައީސް ސޯލިހު ”އެކްސްގައި“ ކުރެއްވި ޕޯސްޓެއްގައ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ނޫސްވެރިންގެ ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން އެދަނީ މިހާރުވެސް ފާޅުކުރަމުންކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކްފާނުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑުއައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުންކަމަށެވެ.

މީޑިއާ ބިލު ފާސް ކުރުމަށް ގޮވައިލައި ވެސް މަޖިލިސް ކައިރީގައި އަޑު އުފުލަމުން އެބަދެއެވެ. މި އެއްވުންތަކުގައި މައި ދެ ޕާޓީ، ޕީއެންސީ އާއި އެމްޑީޕީން ބައިވެރިވެއެވެ.