ސަރުކާރުން މިހާރު އުޅެނީ އާފަލާއި އޮރެންޖު އަގުބޮޑޭ ބުނާތީ، އެ ވާހަކަ ހުއްޓުވަން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، ޑިމޮކްރަސީގެ ބޭނުމަކީ މިނިވަންކަމާއެކު ބޭނުން ހިޔާލެއް ފާޅުކުރުން ކަމަށާއި، މީޑިއާ އޮތުމުގެ ބޭނުމަކީ އެއީ ކަމަށެވެ.

”މިއަދު މި ފެނިގެންދަނީ، ހުރިހާ ރައްޔިތުންގެ އަނގަ ބަންދު ކުރާތަން. ސަރުކާރަށް އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ، މިއަދު ކޮންމެ ރައްޔިތަކީ ވެސް ނޫސްވެރިއެއް.“ އޭނާ ވިދާޅުވިއެވެ.

”މިހާރު ޖެހިގެން މިއުޅެނީ، އާފަލު އަގު ބޮޑޭ ބުނެގެން، އޮރެންޖު އަގު ބޮޑޭ ބުނެގެން. އެ ވާހަކަ ހުއްޓުވަން މި އުޅެނީ.“ އާޒިމް ވިދާޅުވިއެވެ.

މި ފާއިތުވި ދެ އަހަރެއްހައި ދުވަހު ރާއްޖެއަށް ވަރަށް ގިނަ ފައިސާ ލިބުނު ކަމަށާއި، ބަޖެޓަށް އެންމެ ގިނައިން ފައިސާ ލިބުނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިކަމުން އެއްވެސް ރައްޔިތަކަށް ފައިދާއެއް ނުލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީޑިއާ ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެމްބަރުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި، މީޑިއާ ބިލަކީ، ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލެއް ނޫނެވެ. އަދި މި ބިލުގެ ބޭނުމަކީ، މީޑިއާތަކާއި، އެ ތަންތަނުގައި މަސައްކަތް ކުރާ ނޫޫސްވެރިން ރެގިއުލޭޓު ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، މީޑިއާ ކޮންޓްރޯލް ނުކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ކުރައްވަން ބޭނުންފުޅުވެލައްވާ ކަމެއް ނޫން ކަމަށާއި، ހަގީގަތާ ހިލާފު ނުވާނަމަ، ނޫސްވެރިން ކޮންމެ ވާހަކައެއް ވެސް ލިޔަންވީ ކަމަށެވެ.

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު(އަސްވާޑު) ވިދާޅުވެފައި ވަނީ، މަޖިލީހުގެ ތަޅުމުން މީޑިއާ ބިލު ފާސްކުރީ ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން، އިސްލާހުތައް ގެނައުމަށް ފަހުގައި ކަމަށެވެ.

މީޑިއާ ބިލު އިއްޔެ ފާސް ކުރީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައެވެ.