ނަންރީތިމަލަކީ ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް، ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ހައްދާ ވަރަށް ރީތި މަލެކެވެ. ބައެއް ކޮސްމެޓިކް އުފެއްދުންތަކުގައި ވެސް ބޭނުންކުރާ މި މަލުގެ ޒީނަތްތެރިކަމާ އެއްވަރަށް، މަލުން ތައްޔާރު ކުރެވޭ ސަޔަކީ ވެސް އެހައިމެ ފައިދާހުރި އެއްޗެކެވެ.

މި ލިޔުމުގައި މި ބަލައިލަނީ، ނަންރީތިމަލުގެ ސައި ބުއިމުން ލިބޭ ބައެއް ސިއްހީ ފައިދާ ތަކަށެވެ.

ކޮލެސްޓްރޯލް ދަށްކޮށްދިނުން:

ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވެއްޖެނަމަ، ތަފާތު އެތައް ސިއްހީ މައްސަލައެއް ކުރިމަތި ކުރުވައެވެ. މިއީ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ސިއްހީ މައުލޫމާތު ހިމެނޭ ބައެއް ލިޔުންތަކުގައިވާ ގޮތުގައި، ނަންރީތިމަލުގެ ސަޔަކީ ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީތެރި ވެދޭނެ ބުއިމެކެވެ.

ކޮލެސްޓްރޯލް ދަށް ކުރުމުގެ އިތުރުން، ނަންރީތިމަލުގައި ހިމެނޭ އެންޓި-އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން، މި މަލުގެ ސައި ބުއިމުން، ހިތުގެ ލޭ ދައުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ނަންރީތިމަލުން ސައި ތައްޔާރުކޮށްފައި

ގައިގެ ހަންގަނޑު ރީތިކޮށްދިނުން:

ނަންރީތިމަލުގައި ހިމެނޭ އެންޓިއޮކްސިޑެންޓުތަކުގެ ސަބަބުން، ގައިގެހަންގަނޑު ކުރަކިވެ، ރޫ ޖެހުން ފަދަ ކަންކަމުން ދުރުކޮށްދީޑ ހަމަށް ތާޒާ ކަމާއި އާރޯކަން ގެނެސްދޭ ކަމަށް ވެއެވެ.

 

ނަންރީތިމަލެއް

ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ:

އާއްމުކޮށް ނަންރީތިމަލުގެ ސައި ބޭނުންކުރާ ކަމަށް ވާނަމަ، ތިބާގެ ލޮލަށް ދިމާވާ ތަފާތު ސިއްހީ މައްސަލަތަކުން ދުރުކޮށްދީ، ލޮލުގެ ދުޅަހެޔޮކަން އިތުރު ކޮށްދޭނެ ކަމަށް ސިއްހީ ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ހަކުރު ދަށް ކުރުމަށާއި، ބަރުދަން ލުއި ކުރުމާއި، އިސްތަށިގަނޑު ރީތި ކުރުމުގެ ބޭނުމުގައި ވެސް މި ސައި ބޮވިދާނެއެވެ.

 

ނަންރީތިމަލުގެ ސައި ތައްޔާރު ކުރާނެގޮތް:

ތައިލޭންޑުގައި ވަރަށް މަޝްހޫރު މި ބުއިމަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ އެއްޗެކެވެ. މި ބުއިން ތައްޔާރު ކުރުމަށް ހަމައެކަނި ބޭނުންވަނީ ނަންރީތިމަލާއި ހޫނު ފެނެވެ. ތާޒާ މާ ނުވަތަ ހިއްކާފައިވާ މަލުން ވެސް މި ސައި ހެދޭނެއެވެ.

ހައެއްކަ ނަންރީތިމާ ހޫނު ފެންތައްޓަނަށް ލުމަށްފަހު، 3 މިނެޓު، ނުވަތަ 5 ވަރަކަށް މިނެޓުވަންދެން ބަހައްޓާށެވެ. އޭރުން ނަންރީތިމަލުގެ ސައި އެވަނީ ތައްޔާރު ވެފައެވެ.

ތިބާ އަކީ އެއްވެސް ބައްޔަކަށް ބޭސް ކުރާ މީހެއްނަމަ، ނަންރީތިމާ ބޭނުން ކުރުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ.

މި ލިޔުމަށް މައުލޫމާތު ނަގައިފައި ވަނީ ހެލްތުލައިން.ކޮމް އިންނެވެ.

ި