ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވ.ފެލިދޫ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ ފެލިދޫ ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ފެލިދޫ ކައުންސިލުންވަނީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި، ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ.
އަދި ރަށުގައި ބިމުގެ ޖާގައިގެ ދަތިކަންހުރުމާއިއެކު، ވަކި ވަކި ކުޅިވަރު ކޯޓްތަކުގެ ބަދަލުގައި ރަށަށް އެންމެ ރަނގަޅީ ސްޕޯރޓްސް ކޮންޕޮލެކްސްއެއްކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ހޮސްޕިޓަލްގެ ފަރާތުންވަނީ ސީއެމްބިއުލާންސެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

