މިއަދު ފާހަގަކުރަމުންދާ ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް، ޑރ. މަހުމޫދު އައްބާސްއަށާއި ބޮޑުވަޒީރު މުހައްމަދު މުސްތަފާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ފަލަސްތީނުގެ ރައީސަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، ވަރަށް އިހުލާސްތެރިކަމާއެކު މަރުހަބާ ވިދާޅުވެފައިވެއެވެ.
އެ ގައުމުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ގައުމުގެ މިނިވަންކަމުގެ ހައްގުގައާއި އަމިއްލަ ވަކި ދައުލަތެއް ގާއިމުކުރުމަށް، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްތީނުގެ އަހުންނާއި އުހުތުން ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ރައީސް ތައުރީފު ކުރައްވާފައިވެއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމާއި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.
އަދި ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.
ފަލަސްތީނުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އެއްބައިވަންތަކަމާއި ވަރުގަދަ އަޒުމުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއި ހަމަޖެހުމާއި އިންސާފު ހޯދުމަށް ކުރާމަސައްކަތަށް ދިވެހިރާއްޖެ އަބަދުވެސް ތާއީދު ކުރައްވާނެކަން ހާމަކުރައްވައި، އެކުވެރިކަމާއެކު ހިއްސާކުރާ ގަބޫލުކުރުންތަކުގެ މައްޗަށް ބިނާވެފައި އޮތް، ދެ ގައުމުގެ ދޭދޭ ގުޅުންތައް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ، ފަލަސްތީނުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އަހުވަންތަ ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
ފަލަސްތިނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވައި، މި ޝުއޫރުތައް ތަކުރާރުކުރައްވާފައެވެ.

