ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިޔާ ފުލެޓް ނިންމުމަށާއި ވިނަރެސް ފުލެޓު ގަތުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ބީއެމްއެލްއިން ވަނީ ހިޔާ ފުލެޓު ނިންމުމަށް 535 ލޯނެއް ދޫކޮށްފައެވެ.
އަދި ވިނަރެސް ފުލެޓު ގަތުމަށް 26 ލޯނެއް ދޫކޮށްފައެވެ.
”އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 ޕަސަންޓުން 10 ޕަސަންޓަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށާއި، އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 ޕަސަންޓްއިން 8 ޕަސަންޓަށް ކުޑަ ކުރުން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯނުތައް ކުޑަ އިންޓްރެސްޓް ރޭޓަށް ބަދަލުކުރެވިދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންވެ އެކަން އެގޮތަށް ކޮށްދިނުމަށް ބީއެމްއެލްގައި އެދިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

