ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގުލްއިން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
ގޫގުލްއިން މި ބޮޑު އިންވެސްޓްމަންޓް ކުރަނީ އައްޑޫ ސިޓީގެ ހިތަދޫގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއަކާއި ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށެވެ.
މި މަޝްރޫއިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އެގްޒެކެޓިވްސްއާ ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫއުއެކެވެ.
މި ފެސިލިޓީއާއެކު ރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ހިމެނޭގޮތަށް އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައެވެ.
މިއީ އިންޑިއާ ކަނޑުގައި ޤާއިމުވެގެންދާ ވިލިޒަށް ކަނެކްޓިވިޓީ ކޮރިޑޯގައި ދިވެހިރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމްވުމަށް ލިބިގެންދާ ފުރުޞަތެކެވެ.
މާލެއާއި ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓްތަކުގެ އިތުރުން އައްޑޫ ސިޓީގައި މި ޕޮއިންޓް ޤާއިމުކުރެވުމުން، ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މައި މަރުކަޒެއްގެ ގޮތުގައި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެއެވެ.
މި އިންވެސްޓްމަންޓަކީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
އަދި ކްލައުޑް ސަރވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތު ދައްކުވައިދެއެވެ.
ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ސިންދަފާތުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މި މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ.

