އިންޑޮނީޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑޮނޭޝީއާގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިޔާގެ ރައީސް ސުބިއަންތޯއަށާއި، މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށާއި، އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ.

އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހާދިސާގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަން، ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އަދި މި ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މި ހާދިސާގައި އަނިޔާލިބި، ގެއްލުންތައް ތަހައްމަލުކުރަން ޖެހުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހާ އަވަހަކަށް އެކަމުން އަރައިގަނެވޭނެ ގޮތް ވުމަށް އެދިވަޑައިގެންފައިވެއެވެ.