ހުޅުމާލޭން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބެލުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކުން އަންނަ ޖެނުއަރީގެ 3ގެ ކުރިން އެތަންތަން ހުސްކޮށް އެޗްޑީސީ އާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ވަނީ އެދިފައެވެ.

އެޗްޑީސީން ބުނީ އަންނަ މަހު 3ގެ ފަހުން އެ ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވާކަން ފާހަގަކުރެވިއްޖެނަމަ އެ ހައުސިން ޔުނިޓެއްގެ ވެރިފަރާތާއެކު އެޗްޑީސީން ހަދާފައިވާ އެއްބަސްވުން އުވާލާނެ ކަމަށެވެ.

އެކިއެކި ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކުރާ ސޯޝަލް ހައުސިން ޔުނިޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑެވެ.