އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަން ގަވާއިދު އިސްލާހުކޮށްފިއެވެ.

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެއެވެ.

އަދި ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ލިބޭނެއެވެ.

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި ކޮންމެ މަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 15،000 ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ކޮންމެ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 180،000 ރުފިޔާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12،000 ރުފިޔާ އަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3،000 ރުފިޔާގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.