ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ އާއި ހަމަޔަށް 4,000 އަށްވުރެ ގިނަ ކޭސް ދޫކޮށްފިއެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ 8:30 އިން 11:00 އާ ހަމައަށް ގްރެޓަރ މާލެ ސަރަޙައްދުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން ޖުމްލަ 4,196 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން އެންމެ ގިނަ ކޭސް ދޫކުރީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެތަނުން 783 ކޭސް ވަނީ ދޫކޮށްފައެވެ.
މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ވަރަށް އޮމާންކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކޭސްތައް ދޫކުރުމުގައި އައިޑީ ކާޑުގެ އިތުރުން އީ-ފާހާއި، ޑްރައިވިންގ ލައިސަންސް އަދި ޕާސްޕޯޓްވެސް ބަލައިގަންނަ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

