ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިސް ސާވިސް ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ވަޒީފާ އަދާކުރުން ”ވޯކް ފްރޮމް ހޯމް“އަށް ބަދަލުކުރުމުގެ ފުރުސަތު މި އަހަރު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާފައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ގަވާއިދަކާ އެއްގޮތްވާގޮތުގެ މަތީން އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ގާއިމުކުރުން ކަމަށާއި ދިވެހި ކޮންމެ ކުއްޖެއް ހަމަހަމަ ކަމަށެވެ.
އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމް ވެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން، ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ސިޔާސަތު އޭގެ އެންމެ ފުޅާ ގޮތުގައި ތަންފީޒު ކުރުމުގެ ހާއްސަ މަޝްރޫއެއް މިއަހަރު ހިންގަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”މިގޮތުން ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދޭނެ މުދައްރިސުން ލިބުމުގެ ދަތިކަމަކީ މިކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މިކަން ހައްލުކުރުމަށްޓަކައި، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމުގެ ތެރެއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ވާނީ ފަށާފައި،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމު މިއަހަރު އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ހާއްސަ ކްލާސްރޫމްތަކާއި، އެ ކުދިންގެ ހާލަތަށް ރިޔާއަތްކޮށް ޕްރައިވެސީ ލިއްބައިދޭގޮތަށް ފަރުމާކުރެވޭ ހާއްސަ ފާހާނާ ފަދަ ހާއްސަ އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތަކާއި، އުނގެނުމަށާއި އުގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތައާއި ކަމާބެހޭ އެހެނިހެން ވަސީލަތްތައް ނެތް ހުރިހާ ސްކޫލުތަކުގައި މިއަހަރު އެ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.

