އަމިއްލަ ނަފްސާއި ހަށިގަނޑު ސާފުތާހިރުކޮށް ބަހައްޓަންޖެހޭ ފަދައިން ދިރިއުޅޭ ތަންތަނާއި ހިނގާބިގާ އުޅޭ މަގުތައް ސާފުތާހިރުކޮށް ބެހެއްޓެމަކީ ދީނުގެ ތެރެއިންވާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވިއިރު، ”ގެދޮރުވެރިޔާ“ ފްލެޓުތަކަށް ބަދަލުވާ މީހުން އެ ސަރަހައްދަށް ކުނި އަޅައި، ގޮނޑު ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.
”މީހުންނަށް އުނދަގޫވާގޮތައް ތަންތަނަށް ކުނިއެޅުމަކީ ނަހީކުރެވުގެންވާކަންކަން. މީހުންނަށް އުނދަގޫވާނެހެން ހުންނަ ކުނިބުނި ނެގުމަކީ ސަވާބު ވެސް ލިބޭކަމެއް.“ މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ޤުބާ މިސްކިތް ހުންނަ ޝަހަރުގެ ރައްޔިތުންގެ ސާފުތާހިރުކަމަށް ތައުރީފުގެ ބަސް ޤުރްއާނުގައި ވަހީކުރައްވައިފައިވާ ކަމަށެވެ.
މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތައް ހުންނަ ކުނި ބުނި ނަގައި އެއް ފަރާތްކުރުމަކީ ވެސް އީމާންކަމުގެ ދަރަޖައެއްކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މިކަންކަމާމެދު މުސްލިމުން ސަމާލުވާންޖެހޭނެ. އަމުދުން ބިލްޑިންތަކުގައި އުޅޭޭ ފަރާތްތަކުން މިކަމަށް ސަމާލުވުން މުހިންމު.“ މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ފަހި ފްލެޓުތަކަށް ބަދަލުވާ މީހުން ކުނިތައް ބަހައްޓާފައި ހުންނަނީ ފްލެޓުތަކަށް ވަދެ ނުކުމެ އުޅެން ވެސް އުނދަގޫވާނެ ގޮތަށް ކަމަށްވާއިރު، އެގޮތަށް އަމަލު ކުރާ މީހުން ޖޫރިމަނާ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ.

