ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027“ ގެ ހަތަރުވަނަ ސެޝަން، ރައީސް އޮފީހުން ކުރިއަށްގެންދަވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ސެޝަނަކީ، ބަަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވެވި ދަރުހެކެވެ.
މި ދަރުހުގައި، ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ދަރުހުގައި ވާހަކަފުޅު ދެއްކެވީ، ”އަންނާށޭ“ މި މައުޟޫޢަށް، އައްޝައިހު ޑރ. އިލްޔާސް ހުސައިނެވެ.
މި ދަރެހުގައި، މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް އަލި އަޅުއްވާލައްވާފައި ވެއެވެ. އޭގެ ތެރޭގައި ރަމަޟާންމަހުގެ މާތްކަމާއި، މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާ ކުރުމުގެ މުހިންމު ކަމާއި، ރަމަޟާންމަހުގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފުމާއި، އަދި ރަމަޟާން މަސް އައުމުން އުޅުމާއި ގުޅުންތައް ބަދަލު ކުރުމުގެ މުހިންމުކަން ހިމެނެއެވެ.
ޑޮކްޓަރ އިލްޔާސްގެ ދަރުހުގައި ވަނީ، ރަމަޟާން މަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސާނުންގެ މައްޗަށް އާންމު ކުރައްވާފައިވާ ރަޙްމަތާއި، މަޣްފިރަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ރޯދަ ފަރުޟުކުރެއްވުމުގެ ބޭނުން ކަމަށްވާ، ތަޤުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޑޮކްޓަރ އިލްޔާސްގެ ދަރުހުގައި ބައްލަވާލައްވާފައިވެއެވެ.
އަދި ރޯދައިގެ އެންމެ ފުރިހަމަ ސަވާބު ޙާސިލު ކުރުމަށްޓަކައި، މުޅި ހަށިގަނޑުން ރޯދަ ހިފަން ޖެހޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
ރޯދަމަހަކީ ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމާ ރޭއަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މައްޗަށްވެސް ޑޮކްޓަރ އިލްޔާސް ދަރުހުގައި ބައްލަވާލެއްވިއެވެ.
ދަރުސް ނިންމަވާލައްވަމުން ޝައިހު އިލްޔާސް ވަނީ، ޢަމަލުތައް ﷲ ގަބޫލު ކުރެއްވުމަށްޓަކައި، ތިމާކުރާ އަމަލުތަކުގައި، ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިޚްލާސްތެރިކަން ހިމެނުމަކީ، ކޮންމެހެންވެސް ލާޒިމު ކަމެއްކަމުގައި ވިދާޅުވެފައެވެ.
ހަމަ އެފަދައިން ރަމަޟާންމަހުގައި، އިހުލާސްތެރި ކަމާއެކު ހެޔޮ އަމަލުތައް ކޮށްފިނަމަ، އަހަރުގެ ބާކީ އަނެއް 11 މަސްދުވަހު، ތިމާގެ އަމަލުތައް އިސްލާޙް ވާނެ ކަމުގައި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ދަރުސަށްފަހު، ޝައިޚް އިލްޔާސަށް ހަނދާނީ ލިޔުމެއް އަރުވާފައިވެއެވެ.
މި ލިޔުން ހަވާލުކޮށްދެއްވީ، ރައީސް އޮފީހުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އިބްރާހީމް ލަތީފެވެ.

