މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޝެއިޚް އާސިމް އަލްޙަކީމް ދެއްވި ދަރުހެއްގައި ވިދާޅުވީ، އަހަރުމެންގެ ވަށައިގެން އަބަދުވެސް އެތައް ދުޝްމަނުންނެއް ތިބޭނެ ކަމެވެ.

އަދި މާތްﷲގެ ހަޟްރަތުން ރައްކާތެރިކަން ހޯދައިގެން ނުތިބޭނަމަ، ކޮންމެ ހިނދެއްގައި ވެސް އަހަރުމެން ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށާއި، އެހެންވެ، ހެނދުނާއި ހަވީރުގެ ޒިކުރުތައް ޤަވާއިދުން ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

”އެހެންވީމަ، ތިބާގެ އައްޑަނަ ނެތްނަމަ، އެސްފީނާއާއި، ސިހުރާއި، ހަސަދައިގެ ޝިކާރައަކަށް ވެދާނެ. މާތްﷲ އަހަރުމެން އެންމެން ރައްކާތެރި ކުރައްވާށި!“ ޝެއިޚު ވިދާޅުވިއެވެ.

ޝެއިޚު ވިދާޅުވީ، އިންސާނަކު ރައްކާތެރިކަމަށް އެދޭނަމަ، އެމީހަކަށް އެންމެ މުހިންމު ކަންކަމުގެ ލިސްޓުގެ ކުރީގައި ވަނީ ”އަޒްކާރް“ ނުވަތަ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކަމަށެވެ. މިއީ ”ބުލެޓް ޕްރޫފް ވެސްޓް“ އެއް ފަދަ އެއްޗެއް ކަމުގައި އެމަނިކުފާނު ސިފަ ކުރެއްވެވިއެވެ.

ހެނދުނުގެ ޒިކުރުތައް ކިޔުމުގެ ގަޑި ފެށޭނީ ފަތިސް ނަމާދު ބަންގިއާއެކުގައެވެ. ހަވީރުގެ ޒިކުރުތައް ކިޔަން ފަށަންވީ އަސުރު ނަމާދު ބަންގިއާއެކު ކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު، އެ ވަގުތަކީ މަޣްރިބު ނަމާދު ވަގުތު ކަމަށް ވިދާޅުވާ ބޭފުޅުން ވެސް އުޅުއްވާ ކަމަށާއި، ދެގޮތަށް ވިދާޅުވާ ބޭފުޅުން ވެސް ދަލީލު ދައްކަވާކަން ޝެއިޚް ފާހަގަކުރެއްވިއެވެ.

ޝެއިޚް އާސިމް ވިދާޅުވީ، ފަތިސް ނަމާދުކޮށް ނިމުމާއެކު ހެނދުނުގެ ޒިކުރުތައް ކިޔުން ވަރަށް މުހިންމު ކަމަށާއި، ޒިކުރު ކިޔުން ލަސް ކުރާނަމަ، އެމީހަކަށް އެ ދުވަހު ރައްކާތެރިކަން ލިބުން ވެސް ލަސްވެގެން ހިނގައިދާނެ ކަމަށެވެ.