ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް އިއްޔެ މެންދުރުފަހު ޒިޔާރަތްކުރައްވައިފިއެވެ.

ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއިން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ވައިސް ޕްރޮވުސްޓް، ޑޮކްޓަރ ޔޯއާން ވިލައިން އާއި އެ ޔުނިވަރސިޓީގެ ހެޑް އޮފް ދަ ޑިވިޜަން އޮފް އެގްރިކަލްޗަރަލް އިކޮލޮޖީ، ޕްރޮފެސަރ ޑޮކްޓަރ މަސޭލް ރޯބީޝޮންއެވެ.

ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ޔުނިވަރސިޓީގައި ހާއްސަ ތަގުރީރެއްކުރައްވާފައެވެ. ރައީސްގެ ތަގުރީރުގައި، ކަންކަން ނިންމުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށް ގޮވާލެއްވިއެވެ.

އަދި ދިވެހިރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު، ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމަކީ ދިވެހިރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް އަހުލުވެރިވުމަކީ ދިވެހިރާއްޖެއަށް އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، ނަމަވެސް، އެއީ ޤައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ޤައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސްގެ ގާބިލުކަން އިތުރުކޮށްގެން، އެ މަސައްކަތްތަކަކީ މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ، އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެ ފަދަ ގައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކުން މިހާތަނަށް ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، ރައީސް ވަނީ މި މަސައްކަތް ލަސްކުރުމަކީ، މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި މުޖުތަމައުތަކަކީ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައެއް ކަމަށާއި، ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ޤައުމީ ތަރައްގީއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސައިންސްގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީ ފަދަ މުއައްސަސާތަކަކީ ސައިންސާއި ސިޔާސަތުތައް އެކައްޗެއްގެ ގޮތުގައި އެކުލަވާލުމުގައި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ އަޑު އުފުލައިދިނުމުގައާއި، މުސްތަގުބަލުގެ މާހިރުންނާއި ލީޑަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް، ނުވަތަ ވަކި ސަރަހައްދީ އިމަކަށް ބެލުމެއް ނެތް ކަމަކަށް ވާއިރު، އެކަމާ ކުރިމަތިލުމަށް ބޭނުންވަނީ ހުރަސްތަކެއް ނެތް، ޢިލްމީ މަސައްކަތްތަކެއް ކަމަށާއި، ގައުމީ ފެންވަރުގެ ހަނި މަސްލަހަތުތަކާއި ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލަށް އަމާޒުކުރާ ހައްލުތަކަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، މި ޒިޔާރަތުގައި ހިމެނިގެން ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަންގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ހިލާފު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިލްމީ މުއައްސަސާތަކުގެ ދައުރުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމީ އިންސާފު ހޯދުމަށް ބައިނަލްއަގުވާމީ މައިދާންތަކުގައި ސިޔާސީގޮތުން އެއްބާރުލުން ހޯދުމަށް އިލްމީ އިދާރާތަކަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.