މި އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތް ބަލައިގަންނާނެ ގަޑިތައް ޒަކާތު ހައުސްއިން އާންމުކޮށްފިއެވެ.
އިއުލާނުގައިވާ ގޮތުން، މިފެށޭ ރަމަޟާން މަހު އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.
އެ ހަތް ޕްލެޓްފޯމަކީ ދިރާގުގެ ދިރާގުޕޭ، އުރީދޫގެ އެމްފައިސާ، އިސްލާމިކް ބޭންކުގެ ފައިސާމޮބައިލް އެޕާއި ވެބްސައިޓް، ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓް، ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓް، އަވަސް އެޕް އަދި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްއެވެ.
ހަމަ އެއާއެކު، އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ ކަމަށާއި، ރަމަޟާން މަހުގެ ފަހު ދިހައިގައިވެސް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސްއިން ބުންޏެވެ.
އެ އިދާރާގެ އިއުލާނުގައިވާ ގޮތުން، ރަމަޟާން މަހުގެ ފަސްވަނަ ދުވަހުން (ފެބްރުވަރީ 22) ފެށިގެން 20ވަނަ ދުވަހަށް (މާރިޗު 09) ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން މެންދުރު 1:00 އަށް، އަދި ރަމަޟާން މަހުގެ 21ވަނަ ދުވަހުން (މާރިޗު 10)އިން ފެށިގެން 30ވަނަ ދުވަހަށް (މާރިޗު 19)އަށް، ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00އިން މެންދުރުފަހު 2:00 ޖަހަންދެން ބަލައިގަންނާނެއެވެ.
ރަށްރަށުގައި ނަމަ، ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ރަށްރަށުގެ ކައުންސިލުންނެވެ.

