އެމެރިކާގެ ޓައިމް މެގަޒިންގެ މި އަހަރު އެކުލަވާލި ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯއިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޑަބްލިއުއެޗްއޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓައިމް މެގަޒިނުން އެކުލަވާލި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސް މުޢިއްޒު ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ސިއްހަތު އިސްލާހުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
އަދި ރާއްޖެއާއެކު އޮތް ވަރުގަދަ ގުޅުން ކުރިއަށް ގެންދިއުމަށް އުއްމީދު ކުރާ ކަމަށްވެސް ޑަބްލިއުއެޗްއޯގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ހަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހްއްޔަތުގެ ތެރޭގައި ހިމެނިވަޑައިގެންފައިވަނީ، ސިއްހީ ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ސިއްހީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ފަރާތްތަކެވެ.
މި ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމުން ރަމްޒުކޮށްދެނީ، ސިއްހީ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ މިންވަރާއި، ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ކުރާ ފަދަ ގޮތަކަށް ސިއްހީ މަސްލަހަތުތައް ތަރުތީބުކުރެއްވުމަށް ރައީސް ދެއްވާ އަހަމިއްޔަތެވެ.

